ތިރީގައިވާ ދޭހައިގެ ބަޔާން ކިޔުމަށްފަހު،
އަންނަނިވި ސުވާލުތަކަށް ޖަވާބު ލިޔޭ !
ބޮޑު ތަކުރުފާނު
1. ޤައމީ ދުވަހާ ވިއްދައިގެން އަޅުގަނޑުމެން އާކުރަން ޖެހިފައިވަނީ ، މަތިވެރި
ހަނދާންތަކެކެވެ. ޤައުމަށްޓަކައި ޤުރުބާން ވެވަޑައިގެންފައިވާ އަގުހުރި ދިވެހި
ދަރިންތަކެއްގެ ހަނދާންތަކެވެ. އެ ބޭފުޅުން ކުރެއްވި ހަނގުރާމަތަކެވެ.
ޤައުމަށްޓަކައި ފުރާނަޔާއި ، ޖާނު ދެއްވައިގެން މިޤައުމަށް މިނިވަންކަން
ހޯއްދަވައިދެއްވި ގޮތުގެ މަތިވެރި ޛިކުރާތަކެވެ.
2. މި މޭރުމުން މިއަދު އަޅުގަނޑުމެން ހަނދާނަށް ގެނައުމަށް އެންމެ ޙައްޤު
ބަޠަލަކީ ، ދިވެހީންގެ މިނިވަންކަމުގެ އެއްވަނަ ބަޠަލެވެ. އައްސުލްޠާނުލް ޣާޒީ
މުޙައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނެވެ. ނުވަތަ އުތީމު
މަހާރަދުންނެވެ. މަޝްހޫރު ބޮޑު ތަކުރުފާނެވެ. އަދި އެ ތަކުރުފާނުގެ އަރިހުގައި
ޖިހާދުކުރެއްވި ބައިވެރިންނެވެ. މަޝްހޫރު ކަޅުއޮށްފުންމީގެ ހިތްވަރުގަދަ
ފަހުލަވާނުންނެވެ.
3. ބޮޑު ތަކުރުފާނާއި، އެތަކުރުފާނުގެ ބައިވެރިން، ދިވެހީންނާއި، ދިވެހި
ޤައުމުގެ މިނިވަންކަމާއި، ޢިއްޒަތާއި، ކަރާމާތާއި، ޝަރަފަށްޓަކައި، ކުރެއްވި ދަތި
އުނދަގޫ މަތިވެރި ޖިހާދުގެ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ވަޒަންކުރެވޭނީ ،
މާޒީގެ ފަރުދާ ކަހާލައި، އެކަމުގެ މައްޗަށް ފުން ނަޒަރަކުން ވިސްނައިގެންނެވެ.
4. ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުގައި ، ހިތާމައިގެ ފުން ވަޅުގަނޑެއްގައި ،
މަދަދުގާރަކަށް ބޭނުން ވެފައިވާ ޙާލުގައި ރާއްޖެ ވަނިކޮށް ، އުތުރުފަރާތުން އުދަވި
ނަސީބާއި ، ނަސްރުގެ އިރަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހުގެ ބަޠަލު އަލްޣާޒީ
މުޙައްމަދު ބޮޑުތަކުރުފާނެވެ. އެތަކުރުފާނު ދިވެހި ޤައުމަށްޓަކައި އެކުރެއްވި
ޖިހާދަކީ ދުނިޔޭގެ ތާރީޚަށް ނަޒަރުހިންގައިލިކަމުގައިވިޔަސް ނާދިރު ނަމޫނާއެކެވެ.
5. ދިވެހި ރާއްޖޭގައި ޕޯޗުގީޒުން ވެރިކަންކުރީ މީހުންނަށް ކެތްނުކުރެވޭ ފަދަ
އަނިޔާވެރިކަމުގައެވެ. އެ ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ތިބީ ހިތާމައިގެ
ތެރެއަށް ގެނބިފައެވެ. ކަން މިހިސާބަށް ގޮސްފައިވަނިކޮށް ، މާތް ﷲ ގެ
ފަޟުލުވަންތަކަމުން ، އުތީމު ޙުސައިން ކަތީބު ތަކުރުފާނުގެ ފުތު މުޙައްމަދު
ތަކުރުފާނުގެ ހިތްޕުޅު މިކަމާ ޙަރަކާތްތެރި ކުރައްވައިފިއެވެ. އެއީ، އަނިޔާވެރި
ޕޯޗިގީޒުންނާ ހަނގުރާމަކުރައްވައި، ދިވެހިންނަށް އަމާންކަމާއި ، ސިލްމާއި
ސަލާމަތްކަމުގެ ވެއްޓެއް ޤާއިމުކޮށް ދެއްވުމަށެވެ.
6. ޕޯޗުގީޒުންގެ އަނިޔާވެރިކަން އޭގެ ނިހާޔަތަށް ދިއުމުން،
އެތަކުރުފާނުގެ ދެ އަޚުން ކަމުގައިވާ ޢަލީ ޚަޠީބު ތަކުރުފާނާއި، ޙުސައިން ޚަޠީބު
ތަކުރުފާނާ މަޝްވަރާކުރެއްވުމަށްފަހު، ޤައުމީ ޖިހާދުގެ މަތިވެރި ކަމަރު
ބެންނެވިއެވެ. އެބޭ ފުޅުންގެ މިއަޒުމަށް ސާބިތުކަން ދެއްވައި ، ހަނގުރާމައިގައި
ނަޞްރުދެއްވުން އެދި ﷲ އަށް ދުޢާ ކުރެއްވިއެވެ. އަދި އެބޭފުޅުންގެ އަނބިދަރިން
މަލިކަށް ގެންދަވައި އެތާނގައި ބޭތިއްބެވިއެވެ. މި ދަތުރުގައި މަލިކުން ވަރަށް
ހިތްވަރުގަދަ ، ދެ ދިވެހީން ކަމުގައިވާ ޢަލީ ޙާޖީއާއި، ޙަސަން ޙާޖީއާ
ބައްދަލުވިއެވެ. މި ދެބޭފުޅުންވެސް އުތީމު ތިން ބެއިންނާ ގުޅިވަޑައިގެން
މިޖިހާދުގައި ބައިވެރިވިއެވެ. މި އެންމެން އެއްބަސްވެ މުޙައްމަދު ތަކުރުފާނަކީ ،
އެމީހުންގެ ޒަޢީމުކަމުގައި އައްޔަނުކޮށް ޕޯޗުގީޒުންގެ ބާރުތައް މުލުން ލުހެލުމަށް
ހުވާކުރެއްވިއެވެ. މީގެ ފަހުގައި އެބޭކަލުން ދިވެހިރާއްޖެއަށް ވަޑައިގެން
ޕޯޗުގީޒުންނާ ދާއިމީ ހަނގުރާމައެއް ފެއްޓެވިއެވެ. ރޭގަނޑު ރަށްރަށަށް އަރުއްވައި،
ބޭނުންވާ ތަކެތި ހޯއްދަވައި، ޕޯޗުގީޒުންނާ ދިމާވެއްޖެނަމަ އެމީހުންނާ
ހަނގުރާމަކޮށް މަރައިހެދުމަށް ފަހު، އިރުއެރުމުގެ ކުރިން ބޭރު ކަނޑަށް
ނިކުންނަވަނީއެވެ.
7. މި ހިނގަމުންދިޔަ ދިގު ހަނގުރާމައިގައި ޢަލީ ތަކުރުފާނު
ޝަހީދުވިއެވެ. ނަމަވެސް ދެން ތިއްބެވި 5 މުޖާހިދުން ، ހުއްޓުމެއް ނެތި
ޕޯޗުގީޒުންނާ ހަނގުރާމަކުރައްވަމުން ގެންދެވިއެވެ. މިގޮތުގައި 7 އަހަރުވަންދެން
ވެހޭހާ ވާރެއެއްގައި ، ދޭހާ އަތްވެއްގައި ، ފިންޏާއި ، ހޫނުގެތެރޭގައި ، ކަނޑުގެ
ހަލަބޮލި ރާޅުތަކުގެ ތެރޭގައި ، ފަންރިޔަލުގެ އަނގަމަތި މަސްއޮޑިއެއްގައި އަރާމެއް
ނެތި ކުރެއްވި ޖިހާދުން ރާއްޖޭގެ ރަށްތަކުން ޕޯޗުގީޒުން ހުސްކޮށްލެއްވުމަށްފަހު ،
މާލެއާ ދިމާކުރެއްވިއެވެ. ނަމަވެސް މާލޭގައި ޕޯޗުގީޒުން ހޭލައި ، ފޯރިމަރަމުން
ގެންދާލެއް ވަރުގަދަކަމުން ފަސޭހައިން މާލެއެރޭގޮތެއް ނުވިއެވެ.
8.
ކަޅުއޮށްފުންމީގެ
ފަހުލަވާނުން ، މާލެައެރުއްވުމަށް ކުރި މަސައްކަތްތަކުން ކާމިޔަބީގެ އައްސޭރިއަށް
ދިއުމުގެ ދުވަސްތައް ދިގުލާންފެށުމުން ، ޕޯޗުގީޒުން ޣާފިލުކޮށްލެއްވުމަށްޓަކައި
އޮޑިކޮޅައިގެން ރާއްޖޭގެ ދެކުނަށް ވަޑައިގެންނެވިއެވެ. އަދި ދުވަސްކޮޅެއް ވަންދެން
ހުވަދޫ އަތޮޅާއި ، އައްޑޫއަތޮޅުގައި ހޭދަކުރެއްވުމަށްފަހު ، މާލެއާ ދިމާއަށް
ވަޑައިގަތުމަށްޓަކައި މިސްރާބުޖެއްސެވިއެވެ. މި ހިތްވަރުގަދަ ފަހުލަވާނުންނަށް
މާލެއާ ކައިރިކޮށްލެވުނު ރެއަކީ އެކަމަށް އެންމެ މުހިންމު ، އަދި އެންމެ މުނާސިބު
ރޭކަމުގައި މާތް ﷲ މިންވަރުކުރެއްވިއެވެ. އެހެނީ ، އެރެއަކީ މާލޭގެ ފޯރިމެރުން
ދޫކޮށްލައިފައި ، އަނދިރިއަނދިރިންގެ ކިއްލާގައި ހުރިހާ އޮފިސަރުން މަޖާކޮށް
ރާބޮއި ، މަސްތުވެގެން ތިބިރެއެވެ. އެއީ މާލޭގެ އެންމެންނަށް އަނދިރިއަނދިރިންގެ
ވަރުގަދަ ޢަމުރެއް ނެރެފައިވާ ރެއެކެވެ. އެ ޢަމުރަކީ " މާދަމާ އިރު އަރާއިރު
އިސްލަމްދީން ދޫކޮށް ނަޞާރާ ދީނަށް ނުވަދެއްޖެ ކޮންމެ މީހަކު މަރައިލެވޭނެ ކަމުގެ ޢަމުރެވެ."
9.
މާލޭ
މީހުންތިބީ އެމީހުންގެ މާތްވެގެންވާ އިސްލާމް ދީންމަތީ ތިބެ މަރުވުމަށް އަޒުމު
ކަނޑައަޅައިގެންނެވެ. ހަނގުރާމަ ކުރުމަށްޓަކައި އެމީހަކަށް ލިބުނު ހަތިޔާރެއް
ހޯދައިގެންނެވެ. މިބައި ހީހުންގެތެރެއިން ބަޔަކު ، ކޮރަލިތަކުރުގެ އަބޫބަކުރުގެ
ވަެރިކަމުގެ ދަށުގައި މެދު ޒިޔާރަތްދޮށަށް އެއްވިއެވެ. އެތާނގައި ތިބެ
ޞަލަވާތްފާތިޙާ ކިޔަވައި ، ޤައުމަށް ނަޞްރުދެއްވުމަށްއެދި ﷲ އަށް ދުޢާކޮށް
ނިމިގެން ނަދުރެއްގަތެވެ. މިގަތް ނަދުރަކީ " މިރޭގެ މިދަންވަރު އުތީމު
މުޙައްމަދު ތަކުރުފާނު މާލެވަޑައިގެން ، އަޅަމެންގެ މިރާއްޖެ ޕޯޗުގީޒުންގެ
އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވައިފިނަމަ ، ކޮންމެ އަހަރަކު މިދުވަހު މެދު
ޒިޔާރަތް ދޮށުގައި މައުލޫދުގަނޑެއް ކިޔާނަމެވެ. " މި ނަދުރު ގަތްވަޤުތު
އުތީމު ދެތަކުރުންނަށްވެސް މި ބައިމީހުންގެ ޖަމާޢަތަށް އާދެވިފައިވާ ކަމުގައި
ވެއެވެ.
10.
ކަޅުއޮށްފުންމީގެ
ފަހުލަވާނުންނަށް މާލެ އެރުއްވެވުނީ ، އެރޭގެ މެންދަމުފަހުގައެވެ.
މެދުޒިޔާރަތްދޮށަށް ވަޑައިގެން ، ނަޞްރަށް އެދި ﷲ އަށް ދުޢާކުރެއްވުމަށްފަހު ،
އެތާނގައި ތިބި މީހުންނަށް ހިތްވަރުދެއްވާ ނަސޭޙަތްތެރިވުމަށްފަހު ، ދެބޭން
ވަޑައިގަތީ ޕޯޗުގީޒުންގެ ކިއްލާދޮށަށެވެ. އެއިރު އަނދިރިއަނދިރިންނާއި، ޕޯޗުގީޒު
އޮފިސަރުންތަށް ރަލުގެ މަސްތުގައި ތިބީ މަޖާކުރާށެވެ. އެދަނޑިވަޅުގައި ބޮޑުތަކުރުފާނު ވަރަށް
ހުޝިޔާތުވެހުންނަވައި ، އަނދިރި އަނދިރިންނަށް އަމާޒުކުައްވާ ފޮނުއްވައިލެއްވި
އުންޑަ ގޮސްވަނީ އަނދިރިއަނދިރިންގެ ވައި ނޮޅިއަށެވެ. އަދި އެތާނގައި ތިބި ހުރިހާ
ޕޯޗްގީޒުންތައް މަރައި މާލެ ފަތަޙަކުރައްވައި ، ދިވެހިންނަށް އުފާފާގަތިކަން
ގެނެސްދެއްވައިފިއެވެ.
11.
15 އަހަރާއި 6 މަސްދުވަސްވަންދެން ޕޯޗުގީޒުންގެ އަޅުވެތިކަމުގައި
އޮތުމަށްފަހު ، މާލެ ފަތަޙަވީ ހިޖުއައިން 981 ވަނައަހަރުގެ ރަބީޢުލްއައްވަލް
މަހުގެ 1 ވަނަރެއެވެ. އެއީ މީލަދީން 1573 ވަނައަހަރުއެވެ. އެ 15 ވަރަކަށް އަހަރަކީ
، ދިވެހީންނަށް ވަރަށް ވޭންދެނިވި ހިތްދަތި ދުވަސްތަކެއްކަމުގައި ވިއެވެ. ވީމާ މި
އަނިޔާވެރި އަޅުވެތިކަމުން ދިވެހިން ސަލާމަތްވެ ، އަލުން ދިވެހިންގެ ތެރޭގައި
ޤައުމިއްޔަތުގެ ބިންގާ އެޅުނު މިދުވަސް ރާއްޖޭގެ ޤައުމީ ދުވަސްކަމުގައި ކަނޑައެޅި
ފާހަގަކުރަން ފެށުނެވެ.
ޝައްކެއްނެތެވެ.
ޤައުމެއްގައި މިނިވަންކަމާއި، އުޖާލާކަން ދެމި އޮންނާނީ، އެޤައުމެއްގެ
ރައްޔިތުންގެ މެދުގައި ޞުލްޙައާއި، އަމާންކަން ދެމި އޮންނަ މިންވަރަކުންނެވެ.
ފާގަތިކަމާއި ، އުފާވެރިކަން އެބަޔަކަށް ލިބޭ ވަރަކުންނެވެ. މިފަދަ
ހުރިހާ ކަމެއް ދިވެހިންނަށް އެންމެ ފުރިހަމައަށް ލިބި ، ފުރިހަމަ
މިނިވަންކަމެއްގައި ދިވެހިން އުޅެފައިވާ އެންމެ އުޖާލާ ދުވަސްވަރަކީ ، އުތީމު
މަހަރަދުންގެ ރަސްކަމުގެ ޒަމާނެވެ. ދިވެހިންނަށް ދެރަބީޢު އެއްފަހަރާ ގެނެސްދެއްވި
ހަމައެކަނި ބަޠަލަކީ ، އަދި ޒަޢީމަކީ އުތީމު އައް ސުލްޠާނުލް ޣާޒީ މުޙައްމަދު
ތަކުރުފާނުލް އައުޡަމް ސިރީ ސަވާދީއްތަ މަހަރަދުންނެވެ.
ދޭހައިގެ
ސުވާލުތައް :
1.
ޤައުމީ
ދުވަހާގުޅިގެން އާކުރަންވާ ހަނދާންތަކަކީ ކޮބައހެއްޔެވެ ؟
2.
ދިވެހީންގެ
މިނިވަންކަމުގެ އެއްވަނަ ބަޠަލަކީ ކޮބައިހެއްޔެވެ ؟
3.
ޤައުމީ
ދުވަހު އެންމެ ބޮޑަށް އެބޭފުޅެއްގެ ޛިކުރާ އާކުރުން ޙައޤު ބޭފުޅަކީ ކޮބައި ؟ އަދި އެއީ ކީއްވެ ؟
4.
ޕޯޗުގީޒުންގެ
އަނިޔާވެރިކަން ރާއްޖެއިން ނައްތައިލެއްވުމަށްޓަކައި ، އުތީމު ބޮޑުތަކުރުފާނާއި ،
އެތަކުރުފާނުގެ ބައިވެރިން ކަންތައްކުރައްވަމުން ގެންދެވި ގޮތަކީ ކޮބައި ހެއްޔެވެ؟
5.
ބޮޑުތަކުރުފާނު
މިކުރެއްވި ޖިހާދުގެ މަތިވެރިކަން އެންމެ ބޮޑަށް ދޭހަވަނީ ، ކޮން ޢިބާރާތަކުން ހެއްޔެވެ؟
6.
ބޮޑުތަކުރުފާނާއެކު
މިހަނގުރާމައިގައި ބައިވެރިވީ ކޮން ބައެއްހެއްޔެވެ؟
7.
މި ބޭކަލުން
ހަނގުރާމައިގެ ކަންތައް ގެންދެވީ ކިހިނެއްކަން ކުރުކޮށް ބަޔާންކުރާށެވެ!
8.
މި
ބޭކަލުންގެ ހަނގުރާމައިގެ ކަންތައްތަކާ ގުޅިގެން ޕޯޗުގީޒުން ކަންތައްކުރީ
ކިހިނެއްހެއްޔެވެ؟
9.
ހަނގުރާމައިގެ ނިމުން
ގެނައުމަށްޓަކައި ، ބޮޑުތަކުރުފާނާއި ،އެތަކުރުފާނުގެ ބައިވެރިން މާލެ
އަރައިވަޑައިގަތްރޭ މާލޭގައި ކަން ހިނގަމުން ދިޔަ ގޮތަކީ ކޮބައިހެއްޔެވެ. ؟
10. ޕޯޗުގީޒުންގެ އަނިޔާއިން މުޅި ޤައުމު ސަލާމަތްކުރެއްވުމުގެ ވަރުގަދަ
ޢަޒުމުގައި މުޙައްމަދު ތަކުރުފާނު މާލެ އަގައިވަޑައިގަތީ ކޮންވަޤުތަކުހެއްޔެވެ ؟
11. ބޮޑުތަކުރުފާނުގެ ލަޝްކަރު މާލެއަރައިވަޑައިގެންނެވި
ރޭ މާލޭގެ ރައްޔިތުން ތިބި ޙާލަތް ސިފަކޮށްދޭށެވެ.
12. ދިވެހިންގެ ޤައުމީ ދުވަހެއްގެ ގޮތުގައި 01
ރަބީޢުލްއައްވަލު ، ފާހަގަކުރަން ކަނޑައެޅީ ކީއްވެހެއްޔެވެ ؟
13. ޤައުމީ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ
ކޮބައިހެއްޔެވެ ؟
ތިރީގައި
އެވާ ލަފުޒުތަކުގެ މާނަ ލިޔޭ !
1)
ޤުރުބާންވުން /
ޖާނުދިނުން / ޛިކުރތައް (ޕެރެ 1) :
............................................................................................
2)
މޭރުމުން / ފަހުލަވާނުން
( ޕެރެގުރާފު 2 ) :
............................................................................................
3)
ކަރާމާތް / މަޒީ /
ނަޒަރަކުން (ޕެރެ 3) :
............................................................................................
4)
މަދަދުގާރަކަށް / އުދަވި
/ ނާދިރު (ޕެރެ 4) : ............................................................................................
5)
ޒައީމު / އައްޔަނު /
ލުހެލުން (ޕެރެ 6) :
............................................................................................
6)އައްސޭރި / ޣާފިލު / މިސްރާބު ޖެހު (ޕެރެ 8)
:
............................................................................................
No comments:
Post a Comment